Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު ޝަރުއީ ދާއިރާ

އަދީބާ ޒިޔަތަކީ ޔާމީނާ ދެކޮޅަށް ހެކި ދިނުމަށް އުފައްދާފައިވާ މެޝިނެއް: ޔާމީންގެ ވަކީލު

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަކީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިނުމަށް އުފައްދާފައިވާ މެޝިނެއްކަމަށް ރައީސް ޔާމީންގެ ވަކީލުން ޝަރީއަތުގައި ބުނެފިއެވެ.

ރައީސް ޔާމީންގެ ވަކީލުން މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ.

ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި ވަނީ ދައުލަތުގެ ފަރާތުންނާއި ދިފާއުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައްތަކާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.

އެގޮތުން ދައުލަތުން ޝަރީއަތުގެ ކުރިން ހުށަހަޅާފައިވަނީ އެއް ހުށަހެޅުމެކެވެ. އެެއީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކީގެތެރޭގައި ހިމެނޭ މޯބައިލް ފޯން ފޮރެންސިކް ރިޕޯޓަކާއި ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓެއްގެ ބައިތަކެއް ސިއްރުކޮށްދިނުމަށެވެ. އެކަމަށް އެދެމުން ދައުލަތުން ބުނެފައިވަނީ ސިއްރުކޮށްދޭން އެދޭބައިތަކަކީ ގިނަބައެއްގެ ޒާތީ މައުލޫމާތު ހިމެނޭ ބައިތަކެއްކަމަށެވެ. އަދި އެއީ 3 އިދާރާއެއް ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް ތަހުގީގުގައި ބަލަމުން އަންނަ ބައިތަކަކަށް ވުމުން އެ ބައިތައް ހާމަކޮށްފިނަމަ ތަހުގީގަށް ހުރަސް އެޅިދާނެކަމަށެވެ. ދައުލަތުގެ ވާހަކައަށް ރައްދުދީ ރައީސް ޔާމީންގެ ވަކީލް ޝިޔާޒް ވިދާޅުވީ ދައުލަތުގެ އެ ހުށަހެޅުމާމެދު ކަންބޮޑުވުންތަކެއް އޮތްކަމަށެވެ. އެގޮތުން ހެކި ސިއްރު ކުރުމަށް ދައުލަތުން ހާމަކުރީ ޤާނޫނީ ސަބަބުތަކެއް ނޫންކަމަށާއި، ސިއްރު ކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކަކީ ސިއްރުކުރެވޭނެ އެއްޗެއް ނޫންކަމަށެވެ. ޤާނޫނު ދަންނަނީ ދައުލަތުން ހުށަހަޅާ ހުރިހާ ލިޔުމެއް ދިފާއަށް ލިބުމަށް ކަމަށާއި، އަދި އެ ލިޔުންތައް ދިރާސާކޮށް އެ ލިޔުންތަކާއި ގުޅިގެން ހުށަހަޅަންޖެހޭ ހުށަހެޅުންތަކަށްވެސް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ.

މިއަށްފަހު މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވަނީ ރައީސް ޔާމީންގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ދީފައެވެ. އެގޮތުން ރައީސް ޔާމީންގެ ފަރާތުން މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ މައިގަނޑު 4 ހުށަހެޅުމެކެވެ.

ރައީސް ޔާމީންގެ ފަރާތުން އެދިފައިވަނީ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކިންގެ ގޮތުގައި ގަބޫލުނުކުރުމަށެވެ. ސަބަބެއްގެ ގޮތުން ވާހަކަ ދައްކަމުން ވަކީލް ޝިޔާޒް ވިދާޅުވީ އަދީބާއި ޒިޔަތަކީ ރައިސް ޔާމީނާ ދެކޮޅަށް "ހެކިބަސް ދިނުމަށް އުފައްދާފައިވާ މެޝިނެއް" ކަމަށާއި އެ ދެމީހުންނަކީ ފާސިޤުންކަމަށް ކަނޑައެޅުމަށެވެ. އަދި އެ ދެމީހުންނަކީ ހިޔާނާތަށް އިއުތިރާފްވެފައިވާ ބައެއްކަމަށާއި، އެ ކަމުގައި އެންމެ އަޑީގައި ތިބި ދެމީހުންކަމަށް ވުމުން އަދި އެ ހިޔާނާތުގެ މައްސަލައިގެ ހުކުމް ތަންފީޒު ކުރަމުން އަންނަ މީހުނަށްވުމުން އެމީހުންގެ ހެކިބަސް ބަލައިނުގަތުމަށެވެ.

މީގެ އިތުރުންވެސް މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ޝަފަހީ ގިނަ ހެކިތަކެއް ބަލައިނުގަތުމަށް ރައީސް ޔާމީންގެ ވަކީލުން ހުށަހަޅާފައިވެއެވެ. އެގޮތުން އެ ހެކިތަކަކީ މައްސަލައިގެ މައުޟޫއާ ގުޅޭ ބައެއް ނޫންކަމަށާއި، އަދި އެ މީހުންގެ ބަޔާނުގައި ރައީސް ޔާމީންގެ ވާހަކައެއްވެސް ނެތްކަމަށް ވަކީލް ޝީޔާޒް ވިދާޅުވިއެވެ. ބަލައިނުގަތުމަށް އެދުނު ޝަފަހީ ހެކީގެ ތެރޭގައި ސަންކުންފުނީގެ ވެރިޔާ ސިޔާމް، ކުރިގެ މެމްބަރު މައުރޫފް، އަދި އިބްރާހިމް ރަޝީދު ހިމެނެއެވެ. އަދި މައްސަލައިގެ އެކި ރިޕޯޓްތައް ތައްޔާރު ކުރި ފުލުހުންވެސް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ހުށަހަޅާފައިވެއެވެ.

ރައިސް ޔާމީންގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ ގޮތުން ވަނީ މައްސަލައިގައި ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ކިތާބީ ހެކިތައްވެސް ބަލައިނުގަތުމަށް އެދި ހުށަހަޅާފައެވެ. އޭގެތެރޭގައި ރ. ފުއްގިރި މުއާމަލާތާ ގުޅޭ ލިޔެކިޔުންތަކާއި މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބޭންކް ސްޓޭޓްމެންޓްތަކާއި ޗެކްތަކާއި ރިސިޕްޓް އޮފް ޕޭމަންޓް އަދި ރައީސް ޔާމީންގެ މާލީ ބަޔާނާއި ޓެކްސް ބަޔާންތައްފަދަ ލިޔެކިޔުންހިމެނެއެވެ. ވަކީލް ޝިޔާޒް ވިދާޅުވީ އެ ތަކެއްޗަކީ މައްސަލައާ ގުޅުމެއްނެތް ލިޔުންތަކެއްކަމަށާއި، އެ ލިޔުންތަކުން ހާމަވަނީ ފުއްގިރި މުއާމަލާތް ހިނގިގޮތްކަމަށެވެ.

މިކަންކަމަށް ރައްދު ދެމުން ދައުލަތުން ބުނެފައިވަނީ އަދީބާއި ޒިޔަތު ހުށަހަޅާފައިވަނީ އެމީހުުންގެ ދައުރެއް އޮވެގެން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ހިނގާފައިއޮތުމުން، އެކން ހިނިގާދިޔަގޮތް އެންމެ ރަނގަޅަށް އެނގޭނީ އެމީހުންނަށް ކަމަށްވާތީ ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަކީ މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ އެއްމައްސަލަކަން ފާހަގަކޮށް ދައުލަތުގެ ވަކީލާ ވިދާޅުވީ އެހެން ޤައުމުތަކުގައިވެސް ރޭވިގެން ހިންގޭ މިފަދަ ބޮޑެތި މައްސަލަ ތަކުގެ ފުނަށްވާސިލުވެ ކަންކަން ހޯދުމަށް އެކަމުގައި ހިމެނޭ މީހުންގެ ހެކިބަސް ބަލައިގަންނަކަމަށެވެ. މިސާލެއްގެ ގޮތުން ބްރެޒިލްގައި ހިންގި ބޮޑު ކޮރަޕްޝަންގެ މައްސަލައެއް ބެލުމުގައި އަމަލުކުރި ގޮތް ދައުލަތުން ހާމަކުރިއެވެ. މީގެ އިތުރުން ދައުލަތުން ބުނެފައިވަނީ މިފަދަ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން އެއްބާރުލުންދީފިނަމަ އެމީހުންނަށް ލުޔެއްދީ، އެމީހުންގެ ފަރާތުން އެމައްސަލައެއްގެ އަޑި ހޯދުމަކީ ރާއްޖޭގެ ޤާނޫނުވެސް ދަންނަކަމެއްކަމަށެވެ. އެގޮތުން އެމީހަކު އެއްބާރުލުންދޭވަރެއްގެ މައްޗަށް އަދަބު ކުޑަކުރުމުގެ ފުރުސަތު ޤާނޫނުގައި އޮންނަކަމަށެވެ. އަދި އަދީބާއި ޒިޔަތުގެ ހެކިބަހާ ގުޅުވޭނެ އިތުރު ހެކި ހުށަހަޅާފައިވާކަމަށެވެ.

މީގެ އިތުރުންވެސް ރައްދުގައި ދައުލަތުން ބުނެފައިވަނީ މައްސަލައިގައި ދެންވެސް ހުށަހަޅާފައިވާ ޝަފަހީ އަދި ކިތާބީ ހެއްކަކީ މައްސަލައާ ގުޅޭ ތަކެތި ކަމަށާއި، އަދި އެއީ މައްސަލައިގައި މުހިންމު ހެކިތަކެއްކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ އިތުރު ހުށަހެޅުންތަކުގެ ގޮތުން ބުނެފައިވަނީ މައްސަލާގައި ދައުވާކުރުމަށްފަހު ހެކި ލިސްޓް އިސްލާހުކޮށްފައިވާތީ އެ މައްސަލަ އަނބުރާ ގެންދިޔުމަށްފަހު އަލުން ހުށަހެޅި މައްސަލައެއް ކަމުގައި ބަލަން ޖެހޭނެ ކަމާއި އަދި އެކަމަކީ ޤާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއްކަމަށެވެ. އަދި މައްސަލައިގެ ތަހުގީގުގައި ޤާނޫނީ އިންޒާރުދިން އިރު ދައުވާކުރާ ކުށާ ގުޅޭ އިންޒާރު ދީފައިނުވާތީ ޖަވާބުދާރީވުމަށް ފުރުސަތު ތަހުގީގުގައި ނުލިބުނު ކަމަށްބުނެ ހުށަހެޅުމެއްވެސް ހުށަހަޅާފައިވެއެވެ.

އެކަންކަމަށް ރައްދު ދެމުން ދައުލަތުގެ ވަކީލް ވިދާޅުވީ ދިން ގާނޫނީ އިންޒާރާއި ކޮށްފައިވާ ދައުވާއިން، އެކަމަށް ޖަވާބުދާރީވުމަށް ފުރުސަތު ލިބުނު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މީގެ އިތުރުން ދައުލަތުން ފުއްގިރީގެ ކަންކަމާ ގުޅޭގޮތުން ހުށަހެޅި ގިނަ ކިތާބީ ހެކިތަކެއް ބަލައިނުގަތުމަށް ދިފާއުން ހުށަހެޅިއިރު އެމްއެމްޕީއާރްސީއާ ގުޅޭ އެހެންހުރިޙާ ލިޔެކިޔުންތައް ހާމަކުރުމަށް ހުށަހަޅާފައި އޮތުމުން އެކަން ހަމަނުޖެހޭކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ގޮތެއް ނިންމުމަށް އަޑުއެހުން ބާއްވާނީ އޮކްޓޫބަރު 4 ވަނަ ދުވަހުކަމަށެވެ. އަދި ފުއްގިރީގެ މައްސަލައިގައި ދައުވާ ކޮށްފައިވާ ފަރާތްތަކުގެ އިބްތިދާއީ އަޑުއެހުން ވަކިން ކުރިއަށް ގެންދިޔަނަމަވެސް މައްސަލާގެ ޝަރީއަތް ކުރިއަށް ދާނީ ދައުވާ ލިބޭ އެންމެންގެ މައްޗަށް އެއް އަޑުއެހުމެއްގައި ކަމަށެވެ.

ރ. ފުއްގިރި މައްސަލައިގެ ތަފްސީލު:

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.

މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.