Last Updated: April 18, 21:56
Thursday, April 18, 2024
ޚަބަރު ޝަރުއީ ދާއިރާ

ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފެހެއްޓުމަށް، ހަވީރު އިތުރު އަޑުއެހުމެއް ބާއްވަނީ

ޝަރީއަތް ނިމެންދެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ދައުލަތުން އެދިފިއެވެ.

ޔާމީން ފުރުން މަނާކޮށް ހަތް ދުވަހުގެ އަމުރެއް ކޯޓުން ނެރެފައި އޮތްއިރު މިއަދު ބާއްވާފައިވަނީ، މިކަމާ ގުޅިގެން ބޭއްވި އަޑުއެހުމެކެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަމުން ޕީޖީގެ ވަކީލް ޝާމާ ނަސީރު ވިދާޅުވީ، ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރުމަށް އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ރ)ގައި ބުނާ ކަންކަން މިމައްސަލައިގައި ފުރިހަމަވާކަމަށް ދައުލަތުން ދެކޭތީ ކަމަށެވެ. އެގޮތުން ދައުވާ އުފުލާފައިވާ މައްސަލައިގައި އެކަށީގެންވާ ހެކި ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

ޔާމީން ފިލާފާނެ ކަމަށް ބެލެވޭ ނުކުތާއާ ގުޅިގެން ދައުލަތުން ހަވާލާ ދީފައިވަނީ ސުޕްރީމް ކޯޓުގެ 2021 ވަނަ އަހަރުގެ އަށްވަނަ ގަޒިއްޔާއަށެވެ. ދައުލަތުން ބުނެފައިވަނީ އެ ގަޒިއްޔާގެ 24 ވަނަ ނުކުތާގައި، ފިލާފާނެ ކަމަށް ބެލެވުން ފުރިހަމަވުމުގައި ފަނޑިޔާރު ވަޒަންކުރަންވާނެ ކަންކަން ބަޔާންކޮށްފައިވާކަމަށެވެ. އެގޮތުން އެކުގައި ކުށްކޮށްފައިވާ މީހުން ފިލައިފައިވާނަމަ އެކަމަށް ބަލަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ފާހަގަކޮށްފައިވާކަން ފާހަގަކޮށް ޕީޖީގެ ވަކީލް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އަހުމަދު އަދީބު ފިލަން އުޅެފައިވާކަމަށާއި، އަދި އެކަމާ ގުޅިގެން ފިޔަވަޅުވެސް އެޅިކަމަށެވެ. ސުޕްރީމް ކޯޓުގެ ގަޒިއްޔާއާ ހަވާލާދީ ޕީޖީގެ ވަކީލް އިތުރަށް ވިދާޅުވީ ޔާމީނަކީ ބޭރުގައި އުޅުމުގެ މާލީ ތަނަވަސްކަން ހުރިމީހެއްކަމަށާއި، އޭނާގެ އެކައުންޓް ސްޓޭޓްމެންޓްސް ހުށަހަޅާފައިވާކަމަށެވެ.

ޕީޖީގެ ވަކީލް އެދިފައިވަނީ ޝަރީއަތް ނިމެންދެން ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށެވެ.

ޕީޖީ ވަކީލްގެ ވާހަކައަށްފަހު ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވާހަކަ ދައްކަވަމުން ވިދާޅުވީ، ފުރުން މަނާކުރުމުގެ އަމުރު ނެރުމަށް އެދި ހުށަހަޅާފައިވާ ފޯމު ލިބިފައިވަނީ މިއަދު ކޯޓަށް އައުމުން ކަމަށާއި، މައްސަލަ ދިރާސާކުރުމަށް ވަގުތު ބޭނުންވާކަމަށެވެ. އެހެންނަމަވެސް ޕީޖީގެ ވަކީލްވަނީ މައްސަލައިގައި އާވާހަކަތަކެއް ނެތްކަމަށް ވިދާޅުވެ މިއަދުވެސް މައްސަލައިގައި ޖަވާބުދާރީ ވެވޭނެކަމަށް ދެކޭކަމަށް ވިދާޅުވެފައެވެ.

އެވާހަކައަށް ރައްދު ދެއްވާ ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޤާނޫނުއަސާސީގައި ބުނާ ހަމަހަމަ ފުރުަތު ލިބެންޖެހޭ ކަމަށާއި، އަދި އެކަށީގެންވާ ވަގުތު ލިބެންޖެހޭކަމަށެވެ. އެހެންކަމުން މައްސަލަ ދިރާސާކުރުމަށް ދެ ހަފްތާގެ މުއްދަތެއް ދިނުމަށް ޖަމީލް އެދިވަޑައިގަތެވެ. އެހެންނަމަވެސް ޕީޖީގެ ވަކީލް ވަނީ އެވާހަކައަށް ރައްދުދީ، މިއީ ފުރުންމަނާ ކުރުމުގެ އަމުރާ ގުޅިގެން ބޭއްވޭ އަޑުއެހުމެއްކަން ކުރިން އެންގުނު ކަމަށާއި، އަދި މި މައްސަލައިގައި މިއަދު ގޮތެއް ނިންމަވައިދިނުމަށް އެދޭކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދެއްކުމަށްލިބުނު ފުރުސަތުގައި ޔާމީން ވިދާޅުވީ، އޭނާ ފިލަންއުޅޭކަމަށް ބުނެ ފުލުހުން ކުރަނީ ވަރަށްބޮޑު ތުހުމަތެއް ކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން ވަކީލުންނާއެކު ދިރާސާކުރުމަށް ވަގުތު ބޭނުންވާކަމަށް ޔާމީން ވިދާޅުވިއެވެ.

މިމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މިއަދު 4 ޖަހާއިރު މިމައްސަލައިގައި ގޮތެއް ނިންމުމަށް އަޑުއެހުމެއް ބާއްވާނެކަމަށާއި، އެހެންކަމުން އެވަގުތަށް ޖަވާބު ދިނުމަށް ތައްޔާރުވެގެން އައުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރ. ފުއްގިރި މައްސަލައާ ގުޅިގެންނެވެ.