Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

އާރަށު މައްސަލަ: ޔާމީންގެ ދިފާއަށް 18 ހެއްކެއް

ރައީސް އަބްދުالله ޔާމީން މީގެކުރިން ސުޕްރީމްކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި--

އެމްއެމްޕީއާރްސީ ޚިޔާނާތުގައި ހިމެނޭ ވ. އާރަށު މައްސަލައިގައި ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ދިފާއީ ހެކިންގެ ގޮތުގައި ޔާމީންގެ ފަރާތުން 18 ހެއްކެއް ހުށަހަޅައިފިއެވެ.

މިމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތުން ދިފާއީ ހެކިން ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ، ޝަފަހީ ހަތް ހެކިންނާއި ކިތާބީ 11 ހެއްކެވެ.

އާރަށު މައްސަލައިގައި ޔާމީންގެ އިތުރުން ދެން ދައުވާ އުފުލާފައިވާ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ވަނީ ދިފާއީ ހެކިންގެ ގޮތުގައި 13 ހެއްކެއް ހުށަހަޅާފައެވެ.

މިމައްސަލައިގައި ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ވަކި އަޑުއެހުމެއް ބޭއްވުމަށް އެދިފައިވާތީ އޭޕްރިލް 11 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި އެއަށްފަހު މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ ނިންމާނެއެވެ.

އާރަށު މައްސަލައިގެ ތަފްސީލު:

މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.