Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

އަދީބު ދީގެން ޔާމީނަށް އެއް މިލިއަން ރުފިޔާ، މެޑަމް ފާތުމަށް ކާރެއް ގެންގޮސްދިނިން: އޮއިއްޓޭ

ފޮޓޯ: އޭއެފްޕީ

ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ހަވާލު ކުރުމަށް ދީގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ރުފިޔާ ގެންގޮސް ދިނިން ކަމަށާއި، އަދި ޔާމީންގެ އަނބިކަނބަލުން ފާތިމަތް އިބްރާހިމްގެ އުފަންދުވަހު ކާރެއް ހަވާލުކުރި ކަމަށް މުހައްމަދު ހުސައިން (އޮއިއްޓޭ) ބުނެފިއެވެ.

ރާއްޖޭގައި މިފަހުން ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް ޔާމީން އަދި ޔޫސުފް ނައީމްގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ މުހައްމަދު ހުސައިން (އޮއިއްޓޭ)ގެ ހެކިބަސް ނަގާފައެވެ. އޮއިއްޓޭގެ ހެކިބަސް ނަގާފައިވަނީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އޭނާ ހާޒިރުކޮށް އޮންލައިންކޮށް ޝަރީއަތް ބާއްވައިގެންނެވެ.

އޮންލައިންކޮށް އޮއިއްޓޭގެ ހެކިބަސް ނެގުން ކުރިއަށް ގެންދިއުމަށް ނިންމުމުން ޔާމީންގެ ވަކީލުން ވަނީ އެކަމަށް ދެކޮޅު ހަދާ ޝަރިއަތުގައި ވާހަކަ ދައްކާފައެވެ. އެގޮތުން ޔާމީންގެ ވަކީލް ކުރީގެ ނައިބު ރައިސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ އޮންލައިންކޮށް ހެކިބަސް ނަގާނަމަ ބައެއް ކަހަލަ ސުވާލު ކުރުމަށް އުނދަގޫވާނެކަމަށް ފާހަގަކޮށްފައެވެ. އެގޮތުން ޑޮކިއުމެންޓް ބަދަލުކޮށްގެން ހެކިވެރިޔާއާ ސުވާލު ކުރުމުގެ ފުރުސަތު ގެއްލޭ ކަމަށް ވިދާޅުވިއެވެ.

ޖަމީލުގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ ހެކިވެރިއާ ދިރިއުޅެނީ ރާއްޖެއަކު ނޫން ކަމަށާއި، އޭނަގެ ހެކިބަސް ނެގުމުގެ އިންތިޒާމު ހަމަޖައްސާގައި ވަނީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ އެހެން ކޯޓުތަކާ އޮންލައިންކޮށް ގުޅާލައިގެންވެސް ހެކިބަސް ނަގާ، ޝަރީއަތްތައް ކުރިއަށްގެންދެވޭކަން ފާހަގަކުރެއްވިއެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ މުހައްމަދު ހުސައިން (އޮއިއްޓޭ) ދާއިމީ ގޮތެއްގައި ދިރިއުޅެނީ ރާއްޖެއިން ބޭރުގައި ކަމަށާއި، ރާއްޖެއަށް އައުމުގެ ވިސްނުން ނެތްކަމަށް އޭނާ ބުނާ ކަމަށެވެ. އަދި ދިފާއަށް ހެކިވެރިޔާއާ ސުވާލު ކުރުމުގައި އުނިކަމެއް އަންނާނެ ކަމަށް ނުދެކޭ ކަމަށާއި، އޮންލައިންކޮށް ވެސް ޑޮކިއުމެންޓްތައް ހިއްސާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، އޮންލައިންކޮށް ހެކިބަސް ނެގުމަށް އިޖުރާއަތުގެ ޤާނޫނުގެ ހުރަހެއް އޮތްކަމަށް ނުދެކޭ ކަމަށެވެ. އެހެންކަމުން ވަނީ އޮއިއްޓޭގެ ހެކިބަސް ނެގުން ކުރިއަށް ގެންގޮސްފައެވެ.

މިއަދުގެ ޝަރިއަތުގައި ދައުލަތުގެ ވަކީލު ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ދެމުން އޮއިއްޓޭ ޝަރީއަތުގައި ބުނެފައިވަނީ، އެންމެ ފުރަތަމަ ޔާމީނާ ދިމާވީ 2013 ވަނަ އަހަރު ކަމަށެވެ. އަދި އަދީބު ބުނެގެން ޔާމީނަށް ރުފިޔާ ހަވާލު ކުރުމަށް ދިޔަ ކަމަށާއި، އެގޮތުން ޔާމީނަށް ފައިސާ ހަވާލު ކުރުމަށް އަދީބު ގުޅާފައި ބުނުމުން އެއް ލައްކަ ރުފިޔާ ގ. ދޫވެއްސަށް ގެންގޮސް ޔާމީނަށް ހަވާލުކުރި ކަމަށާއި، އެހެންނަމަވެސް ޔާމީންގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ގޮތެއް ފެނުމުން އެގެއިން ނުކުމެ އަދީބަށް ގުޅިކަމަށެވެ. އަދި ބާކީ ފައިސާ ހަވާލުކުރުމަށް އަދީބު ބުނުމުން، ބާކީ 9 ލައްކަ ރުފިޔާ ގެންގޮސް ޔާމީނަށް ހަވާލުކުރިކަމަށެވެ. އެގޮތުން އެފަހަރު ޔާމީނަށް ޖުމުލަ އެއް މިލިއަން ރުފިޔާ ހަވާލު ކުރި ކަމަށް އޮއިއްޓޭ ހެކިބަސް ދީފައިވެއެވެ. އަދި އެ ފައިސާ ގެންގޮސް ދީފައިވަނީ ކޮތަޅެއްގައި ކަމަށްވެސް ހެކިބަސް ދީފައިވެއެވެ.

އާރަށު މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގެ ތެރެއިން–

ޝަރިއަތުގައި ހެކިބަސް ދެމުން އޮއިއްޓޭ ބުނެފައިވަނީ، 2014 އަދި 2015 ވަނަ އަހަރު އޭނާ އުޅުނީ އަދީބުގެ ޑްރައިވަރަކަށް ކަމަށާއި އަދި އަދީބު ބުނާ ކަންކަންކުރާ ކަމަށެވެ. އެގޮތުން ވިޔަފާރިވެރިން ކައިރިއަށް ފައިސާ ބަލާ ދާންޖެހޭ ކަމަށާއި އަދި އަދީބު އޮފީހަށް ލުމާ އޮފީހުން ގެނައުމުގެ އިތުރުން އަދީބު ބުނެގެން ބައެއް މީހުންނަށް ފައިސާ ގެންގޮސްދީފަ ވާނެ ކަމަށްވެސް އޮއިއްޓޭ ހެކިބަސް ދީފައިވެއެވެ. އޮއިއްޓޭ ބުނެފައިވަނީ އެގޮތަށް ފައިސާ ގެންދަންޖެހޭ ފަހަރު ތަކުގައި ގިނައިން ފައިސާ ހަވާލުކުރަންޖެހޭނަމަ ގެންދާ އަދަދާއެކު އެކަންކަން ފޯނުގެ ނޯޓްސްގައިލިޔެފައި ހުންނާނެ ކަމަށާއި އަދި އަދީބަށް ކޮށްފަ ހުންނަ މެސެޖްތަކުގައިވެސް އެކަންކަން އެނގެން ހުންނާނެ ކަމަށެވެ.

މީގެއިތުރުންވެސް އެކި ފަހަރު ޔާމީނާ ދިމާވެފައިވާ ކަމަށް އޮއިއްޓޭ ބުނެފައިވެއެވެ. އެގޮތަށް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުންގެ އުފަންދުވަހު ކާރެއް ދިނުމަށް އެ ކާރު ހިފައިގެން މުލިޔާގެއަށް ދިޔަކަމަށްވެސް އޮއިއްޓޭ ހެކިބަސް ދީފައިވެއެވެ. އޭގެފަހުންވެސް އެފްއޭއެމް ކައިރިން އަދި މެޗުތަކުންވެސް ޔާމީނާ ދިމާވި ކަމަށް ހެކިބަސްދީފައިވެއެވެ.

ދައުލަތުން އޮއިއްޓޭއާ ސުވާލު ކުރަމުން ދިޔައިރު ދިފާއީ ވަކީލުންވަނީ ގިނަ އިއުތިރާޒުތަކެއް ނަގާ، ދައުލަތުން ކުރާ ސުވާލުތަކާ ވ. އާރަށުގެ މައްސަލައާ ގުޅުމެއް ނެތްކަން ފާހަގަކޮށްފައެވެ.

ދިފާއީ ވަކީލުންނަށް އޮއިއްޓޭއާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައިވަނީ އޮއިއްޓޭ ފުލުހަށް ދީފައިވާ ބަޔާނުގެ ސައްހަކަން ކަށަވަރު ކުރުމަށް ގިނަ ސުވާލުތަކެއް ކޮށްފައެވެ. އެހެންނަމަވެސް އެ ސުވާލުތަކަށް ދައުލަތުން އިއުތިރާޒު ކުރުމުން އެ އިއުތިރާޒު ޝަރީއަތުން ބަލައިގެންފައިވެއެވެ. އެހެންކަމުން އެ ސުވާލުތަކުގެ ޖަވާބެއް އޮއިއްޓެ ދީފައެއްނުވެއެވެ.

މީގެއިތުރުން ޔާމީންގެ ވަކީލުން ވަނީ އޮއިއްޓޭގެ އަދުލުވެރިކަމާއި، ދެއްކި ބައެއް ވާހަކަ ބަލައިނުގަތުމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އެ ވާހަކަތާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މައްސަލައިގައި ހެކީގެ އަދުލުވެރިކަމާ މެދު ގޮތް ނިންމާ އެ ހެކިބަސް ބަލައިގަތުމާމެދު ގޮތް ނިންމަނީ ޝަރީއަތުން ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ އިސްގާޒީ ޝަކީލް ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށާއި، އެދުވަހުވެސް ކުރިއަށް ދާނީ ހެކިބަސް ނެގުން ކަމަށެވެ.

އާރަށު މައްސަލައިގެ ތަފްސީލު:

މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.