Last Updated: May 2, 10:03
Thursday, May 2, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ޔާމީންގެ ކެމްޕޭން ދަރަނި ދެއްކުމަށް ފެށި ކަމެއް

އަހުމަދު ނާޒިމް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން-

ރާއްޖޭގައި މިފަހުން ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހޯދި ފައިސާގެ ދަރަނި އަދާކުރުމަށް ޔާމީންގެ މޭސްތިރިކަމުގައި ޔާމީނަށް އެނގިގެން ފެއްޓި ކަމެއްކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް ޔާމީން އަދި ޔޫސުފް ނައީމްގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ ހެކިބަސް ނަގާފައެވެ. ނާޒިމްއަކީ ޔާމީނާ ވަރަށް ގާތްގުޅުމެއް އޮތް ބޭފުޅެކެވެ. އެހެންނަމަވެސް ޔާމީންގެވެރިކަމުގައި ނާޒިމްގެ މައްޗަށްވެސް ބޮޑު ޖަލު ހުކުމެއް އިއްވާ ޖަލަށް ލާފައިވެއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ ޔާމީނާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފައި ހުންނާނެ ކަމަށާއި، އެގޮތުން ރައްޔިތުންގެ މަޖިލީހާއި އެކި މިނިސްޓްރީތަކުގައިވެސް އަދި ސިޔާސީ ގޮތުންވެސް އެކުގައި މަސައްކަތް ކޮށްފައި ހުންނާނެ ކަމަށެވެ. އެގޮތުން ޔާމީން ވެރިކަމަށް ގެނައުމަށް އިސްދައުރެއް އަދާކުރި ކަމަށާއި، އެގޮތުން ޔާމީނަށް ތާއިދު ހޯދުމަށާއި، ކެމްޕޭނަށް ބޭނުންވާ ކަންކަން ހަމަޖައްސާ ތަކެތި ހޯދާ، މީހުންނާ ބައްދަލުކޮށް ހެދި ކަމަށެވެ.

ހެކިބަސް ދެމުން ނާޒިމް ވިދާޅުވީ ޔާމީންގެ ކެމްޕޭނަށް ފައިސާ ހޯދުމުގައި އުޅުނީ ޕީޕީއެމްގެ އިސްސަފުގެ ވަކި ބައެއް ކަމަށާއި، އޭގެތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި މިހާރު ދުނިޔެ ދޫކޮށްފައިވާ ވިޔަފާރިވެރިޔާ މުހައްމަދު މަނިކް ހިމެނޭ ކަމަށެވެ. މީގެތެރެއިން ކެމްޕޭނަށް އަދީބު އެކި ދިމަދިމާލުން ފައިސާ ހޯދިކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ އަދީބު ވަރަށް އިސްދައުރެއް އަދާކުރެއްވި ކަމަށެވެ. އެގޮތުން އެފައިސާ ގެނެސް ޔާމީނާ ހަވާލުވެސް ކުރައްވާ ކަމަށާއި، އެގޮތުން އޭނާގެ ހާޒިރުގައި އަދީބު ގ. ދޫވެއްސަށް ހާޒިރުވެ ފައިސާ ދިން ކަމަށް ނާޒިމް ހެކިބަސް ދިނެވެ. އަދި ވިދާޅުވީ އެފަހަރު ކަޅު ދަބަހެއްގައި 15 މިލިއަން ގެނައިކަމަށް އަދީބު ވިދާޅުވި ކަމަށެވެ.

ކެމްޕޭނަށް ފައިސާ ހޯދަމުންދިޔަ އެއްގޮތަކީ ޗެކު ދިނުމަށްފަހު ދަރަންޏަށް ފައިސާ ހޯދުންކަން ފާހަގަކޮށް ނާޒިމް ހެކިބަސް ދެމުން ބުނެފައިވަނީ އަދީބު ޔާމީނަށް ދިން 15 މިލިއަންވެސް ހޯދީ އެގޮތަށް ދަރަންޏަށް ކަމަށެވެ. އެ ފައިސާ ހޯދީ މަގުބޫލު ވިޔަފާރި ވެރިއެއްގެ އަތުންކަން ފާހަގަކުރިއެވެ. އެހެންނަމަވެސް އެ ވިޔަފާރިވެރިޔާގެ ނަން ނާޒިމް ވިދާޅުވެފައެއް ނުވެއެވެ.

މީގެއިތުރުންވެސް ހެކިބަސް ދެމުން ނާޒިމް ވިދާޅުވީ 2014 ވަނައަހަރު އޭޕްރިލް މަހު ރައީސް ޔާމީނާ ބައްދަލުކުރެއްވި ކަމަށާއި އެދުވަހު ބައްދަލުރީ މަޖިލީހުގެ ނައިބު ރައީސް އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ލިބުނު މައުލޫމަތު ހިއްސާކުރުމަށް ކަމަށެވެ. އެދުވަހު ބައްދަލުކުރީ އެމްޕީއެލްއިން އަދީބު 5 މިލިއަން ޑޮލަރު ނެންގެވި ވާހަކަ ވިދާޅުވުމަށް ކަމަށާއި އަދި އެކަމާ ގުޅޭ ސަޕޯޓިން އެވިޑެންސްވެސް ހުރި ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އެދުވަހު ޔާމީނާ ބައްދަލުކޮށް އަދީބު އެމްޕީއެލްއިން 5 މިލިއަން ޑޮލަރު ނަގައިވާކަމަށް ބުނިން ކަމަށާއި އަދި މައްސަލަ އަކަށްވީ އެ ފައިސާ ވަތް އެކައުންޓްތައް ކަމަށެވެ. އެ ފައިސާ ވަދެފައިވާ އެއް އެކައުންޓަކަށްވީ ޔާމީންގެ ކެމްޕޭނަށް ފައިސާ ދިން ވިޔަފާރިވެރިޔެއްކަން ނާޒިމް ފާހަގަ ކުރެެއްވިއެވެ.

"އޭގެ މާނައަކީ، ރިޔާސީ އިންތިހާބަށް އަހުމަދު އަދީބު، އަބްދުﷲ ޔާމީނަށް ގެނައި ފައިސާ އަދާކުރަން މިފެށީ ދިވެހި ރައްޔިތުންގެ ފައިސާއިންނޭ. 100 ޕަސެންޓް ދިވެހި ރައްޔިތުން ހިއްސާވާ ކުންފުންޏެއް އެމްޕީއެލްއަކީ. އެމްޕީއެލްއިން އެފައިސާ ނަގައިގެން އަބްދުﷲ ޔާމީންގެ ރިޔާސީ އިންތިހާބުގެ ދަރަނި އަދާކުރަން ފެށީމަ އަޅުގަނޑު ގޮސް އެވާހަކަ ދެންނެވިން. އެއީ އަޅުގަނޑުގެ ޒަމީރު ގަބޫލު ކުރި ކަމެއް ނޫން، އަދި ކުރާނެވެސް ކަމެއް ނޫން." ހެކިބަސް ދެމުން ނާޒިމް ވިދާޅުވިއެވެ.

މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން-

ނާޒިމް ވިދާޅުވީ އަދީބު އެމްޕީއެލްއިން ފައިސާ ނެގީ އެމްޕީއެލްގެ ބޯޑު މެމްބަރުން އެއްކުރައްވައިގެން އެ ބޭފުޅުންނަށް ލޮބީ ކުރައްވައިގެން ކަމަށެވެ. އަދި އަދީބުގެ ކަންކަން ހުއްޓުވުމަށް ޔާމީނަށް ދެންނެވި ކަމަށްވެސް ނާޒިމް ހެކިބަސް ދެއްވިއެވެ.

"އެމްއެމްޕީއާރްސީން ދިނީ ދެ ޗެކް، ޑޭޓެޑް ޗެކް. ދެ ޗެކް ދިނީ ފަހުން ލާރި ލިބޭގޮތަށް. ދެން އޭގެ މުގާބިލުގަ އެމްޕީއެލުން ދިނީ 2.5 މިލިއަން ޑޮލަރުގެ ދެ ޗެކް. އޭގެތެރެއިން އެއް ޗެކު ގޮސް ޖަމާވީ ހާމިދު އިސްމާއިލް ކިޔާ މީހެއްގެ އެކައުންޓަށް. އަނެއް ޗެކު ޖަމާވީ މޮންޓަލީން ކިޔާ ކުންފުންޏެއްގެ އެކައުންޓަށް. ހާމިދު އިސްމާއިލްގެ އެކައުންޓަށް ޖަމާވި ފައިސާ ގޮސް ޖަމާވީ އަޅުގަނޑު މިދެންނެވި ރިޔާސީ އިންތިހާބަށް ދަރަންޏަށް ފައިސާދިން ވިޔަފާރިވެރިޔާގެ އެކައުންޓަށް." އެމްޕީއެލްގެ މުއާމަލާތުގައި އެމްއެމްޕީއާރްސީގެ ދައުރު ތަފްސީލު ކޮށްދެއްވަމުން ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިކަމުގައި ޔާމީނަށް ހިއްސާކުރި މައުލޫމާތު އޭރުގެ އޮޑިޓާ ޖެނެރަލްއާ ހިއްސާކުރެއްވި ކަމަށާއި، އޮޑިޓާ ޖެނެރަލް އެކަމުގައި ފިޔަވަޅު އަޅުއްވާ ރިޕޯޓެއް ނެރުއްވި ކަމަށެވެ.

"އެމްއެމްޕީއާރްސީގެ މައްސަލަ އުފަންވީ އެ ދަރަނިތައް އަދާކުރަން ފައިސާ ހޯދަން ޖެހިގެން އެ ދަރަނިތައް އަދާކުރުމަށްޓަކައި އެ ފައިސާ ދެއްކި ހިސާބުން. އެކަން އަޅުގަނޑަށް އެނގުނީ އެމްޕީއެލްގެ މިދެންނެވި މައުލޫމާތުތައް، މިދެންނެވި ޗެކު ދައުރުވި ގޮތް ބެލީމަ އެނގުނީ، ރިޔާސީ އިންތިހާބުގައި ދަރަންޏަށް ފައިސާ ދިން ފަރާތްތަކަށް ފައިސާ އަދާކުރަމުން މިދަނީ އެމްޕީއެލްއިން ފައިސާ ނަގައިގެންކަން. އަސްލު އެމްއެމްޕީއާރްސީގެ މައްސަަލަ އުފަންވާންވީ އެހެން އެއްވެސް ސަބަބެއް ނެތް. ސަބަބަކީ، އެއީ ވެރިކަމުގެ ވަރަށް ކުރީކޮޅު. އަޅުގަނޑު މިދަންނަވާ ތާރީހަކީ ވެރިކަމަށް ހަމަސް ދުވަސް ކިރިޔާ ވާނީ އޭރުގަ. އޭރު ދީފަ ހުރި ޑޭޓެޑް ޗެކްތަކުގެ ޑޭޓްތައް ހަމަވަނީ، ޗެކްތައް ބައުންސްވާން ކައިރިވަނީ އޭރު. އެހެންވެ އެނޫން އެއްވެސް ގޮތެއް ނެތިގެން އެންމެ ފުރަތަމަ ލާރި ނެގެން އޮތްތަނަކީ އެމްޕީއެލްކަމަށް ވާތީ އެމްޕީއެލްއިން ލާރި ނެގީ." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ހެކިބަސް ދެމުންވަނީ މި ހިޔާނާތަކީ ޔާމީންގެ މޭސްތިރިކަމުގައި ޔާމީނަށް އެނގިގެން ކޮށްފައިވާ ކަމެއްކަމަށްވެސް ވިދާޅުވެފައެވެ.

ނާޒިމް ހެކިބަސް ދެމުންދިޔައިރު ރައީސް ޔާމީންގެ ވަކީލުން ވަނީ ދައުލަތުގެ ސުވާލުތަކަށް އަދި ނާޒިމް ދައްކަމުން ދިޔަ ވާހަކަތަކާ ގުޅިގެން ގިނަ އިއުތިރާޒުތަކެއް ނަގާފައެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މިމައްސަލައިގެ އިތުރު އަޑުއެހުމެއް މިމަހުގެ 18 ވަނަ ދުވަހު ބާއްވަވާނެ ކަމަށެވެ. އެދުވަހުވެސް ކުރިއަށްދާނީ ދައުލަުތުގެ ހެއްކެއްގެ ހެކިބަސް ނެގުން ކަމަށް ވިދާޅުވިއެވެ.

އާރަށު މައްސަލައިގެ ތަފްސީލު:

މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.