Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

އާރަށު މައްސަލަ: އަދީބާއި ޒިޔަތުގެ ހެކިބަސް އެއްދުވަހެއްގައި ނަގަނީ

ރައީސް އަބްދުالله ޔާމީން މީގެކުރިން ސުޕްރީމްކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި--

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކިބަސް އެއްދުވަހެއްގައި ނެގުމަށް ނިންމައިފިއެވެ.

ރާއްޖޭގައި މިފަހުން ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް ޔާމީން އަދި ޔޫސުފް ނައީމްގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވާފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި ހަމަޖެހިފައިއޮތީ އަބްދުﷲ ޒިޔަތުގެ ހެކިބަސް ނަގާގޮތަށެވެ. އެހެންނަމަވެސް ޔޫސުފް ނައީމްގެ ވަކީލް ހަމްޒާ ލަތީފް ވަނީ އިއުތިރާޒް ނަންގަވާ، މިމައްސަލައިގައި އެއްކަމަކާއި ގުޅިގެން ދެފަރާތަކުން ހެކިބަސް ނަގާއިރު ހެކިބަސް ދެ ދުވަހަކު ނަގައިފިނަމަ އެކަކުގެ ހެކިބަހަށް ބަލާ އަނެއްމީހާ ހެކިބަސް ފަރުމާކޮށްފާނެ ކަމަށް ބުނެފައެވެ.

މިކަމަށް ރައީސް ޔާމީންގެ ވަކީލުންވެސް ތާއީދު ކޮށްފައިވެއެވެ. އަދި ވަކީލުން އެދިފައިވަނީ އެއް ދުވަހެއްގައި މި ދެހެކިންގެ ހެކިބަސް ނެގުމަށެވެ.

ދެ ހެކިންގެ ހެކިބަސް އެއްދުވަހެއްގައި ނެގުމަށް ދައުލަތުގެ ވަކީލުން އިއުތިރާޒް ކޮށްފައެއް ނުވެއެވެ. އެހެންކަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވަނީ އަދީބު އަދި ޒިޔަތުގެ ހެކިބަސް މިމަހުގެ 30 ވަނަ ދުވަހު ނަގާގޮތަށް ހަމަޖައްސަވާފައެވެ. އަދި މިމަހުގެ 18 ވަނަ ދުވަހުވެސް އިތުރު ހެއްކެއްގެ ހެކިބަސް ނަގާނެ ކަމަށް ވިދާޅުވިއެވެ.

އާރަށު މައްސަލައިގެ ތަފްސީލު:

މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.