Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ކޯޓު ރޫމުގެ ސީލިންގުން ފެންފައިބާތީ ޔާމީންގެ ޝަރީއަތް ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ޔާމީން މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފައިވަނީ ޝަރީއަތް ކުރާ މާލަމުގެ ސީލިންގުން ފެންފައިބާތީ ކަމަށެވެ. އެގޮތުން ޝަރީއަތުގެ މާލަމަށް ފެނުގެ އަސަރުކޮށްފައިވާ ކަމަށާއި، މާލަމުގެ އެކި ހިސާބުތަކުން މިހާރު ވެސް ފެން ފައިބަމުންދާ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދެއެވެ.

މި މައްސަލައިގެ އަޑުއެހުން މިމަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހަށް މިހާރު ތާވަލު ކޮށްފައިވާ ކަމަށްވެސް ކްރިމިނަލް ކޯޓުން މައުލޫމާތުދެއެވެ.

ޔާމީނަށް އުފުލާފައިވާ ދައުވާގައި އެންމެ ފަހުން ތާވަލުކުރި އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ. އެދުވަހުގެ ޝަރީއަތް ކެންސަލް ކޮށްފައިވަނީ މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ޗުއްޓީއެއްގައި ހުންނެވުމުންނެވެ.

މިމައްސަލައިގައި ހެކިބަސް ނެގުން ކުރިއަށްދަމުން އަންނައިރު، ދެން ހެކިބަސް ނެގުމަށް ހަމަޖެހިފައި އޮތީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތެވެ.

އާރަށު މައްސަލައިގެ ތަފްސީލު:

މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.