Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ޔާމީނަށް 1 މިލިއަން ޑޮލަރު ދިން ކަމަށް ޔޫސުފް ނައީމް ބުނި: ޒިޔަތު

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ އެގްރިމެންޓާ ގުޅިގެން އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ޑޮލަރު ދިން ކަމަށް ޔޫސުފް ނައީމް ބުނެފައިވާ ކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ހެކިބަސްދީފިއެވެ.

ވ. އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލަ އެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.

މި މައްސަލައިގައި މިއަދު ކުރިއަށްގެންދާ އަޑުއެހުމުގައި އޮތީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި ކުރީގެ ނައިބު ރައިސް އަހުމަދު އަދީބުގެ ހެކިބަސް ނެގުމެވެ.

އަދީބާއި ޒިޔަތުގެ ހެކިބަސް ނެގިދާނެކަމާމެދު ބަހުސެއް!

މިއަދުގެ އަޑުއެހުމުގައި ޒިޔަތު ހެކިބަސް ނަގަން ފެށުމުގެ ކުރިން، ދިފާއީ ވަކީލުންވަނީ އިއުތިރާޒުތަކެއް ނަންގަވާ ވަރަށް ދިގުކޮށް ވާހަކަ ދައްކަވާފައެވެ.

އެގޮތުން ޔޫސުފް ނައީމްގެ ވަކީލް ވަނީ މީގެދުވަސްކޮޅެއް ކުރިން ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ދައުލަތުން ޒިޔަތާއެކު ވެފައިވާ އިއުތިރާފު އެއްބަސްވުން ބާތިލުކުރި ހަބަރެއް ފެންމަތިވެފައިވާތީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ދައުލަތުން ޒިޔަތާއެކުވި އިއުތިރާފު އެއްބަސްވުން ހާމަކުރުން މުހިންމު ކަމަށް ވަކީލް ވިދާޅުވިއެވެ. އަދި އެ އެއްބަސްވުން ހާމަނުކޮށް ހެކިބަސް ނެގުން ކުރިއަށް ނުގެންދިއުމަށްވެސް އެދިލެއްވިއެވެ.

ޔޫސުފް ނައީމްގެ ވަކީލުގެ ވާހަކަތަކަށް ތާއީދުކޮށް ޔާމީންގެ ވަކީލުން އިތުރަށް ވިދާޅުވީ، ހެކިވެރިޔާގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭކަމަށާއި، އަދި އަދާވާތްތެރިކަމެއް އޮތް ފަރާތެއްގެ ހެކިބަސް ނަގައިގެން ނުވާނެ ކަމަށް އަލަށް ފާސްކޮށްފައިވާ ހެއްކާބެހޭ ޤާނޫނުގައިވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

ދިފާއީ ދެ ވަކީލުންގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ، ހެކި ބަލައި ނުގަތުމަށް ހުށަހެޅޭނީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި ކަމަށާއި، ވަކި ހެއްކެއް ބަލައި ނުގަނެވޭނެ ކަމަށް ޝަރީއަތުގެ މަރުހަލާގައި ހުށަހެޅޭނީ އާ ކަމެއް، އާ ހާލަތެއް، އާ ސަބަބުތަކެއް އަދި އާ ހެއްކެއް މެދުވެރިވެގެން ކަމަށެވެ. އެނޫން ގޮތަކަށް އެފަދަ ހުށަހެޅުމެއް ހުށަނޭޅޭނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. މީގެއިތުރުން ދައުލަތުގެ ވަކީލް ވިދާޅުވީ، ޒިޔަތާ އެކު ވެފައިވާ އެއްބަސްވުމެއް މިވަގުތަކު ނެތް ކަމަށާއި، ޒިޔަތު ޝަރީއަތަށް ހާޒިރު ކުރެވެނީ އެއްބަސްވުމެއްގެ ދަށަކުން ނޫން ކަމަށެވެ.

ދެފަރާތުގެ ވާހަކަތަކަށް ބެއްލެވުމަށްފަހު މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ޝަރީއަތް ކުރިއަށް ގެންދަނީ ނޫހުގައި ހުންނަ ހަބަރަށް ބަލައިގެން ނޫން ކަމަށާއި، ޝަރީއަތް ކުރިއަށް ގެންދަނީ ޤާނޫނަށް ބަލައިގެން ކަމަށެވެ. އަދި ނޫހެއްގައި އޮންނަ ހަބަރަކުން ޝަރީއަތަކަށް އަސަރެއް ނުކުރާނެ ކަމަށެވެ.

މީގެއިތުރުން ގާޒީ ވިދާޅުވީ މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކުނީ ހެކިންނާ ގުޅިގެން ހެދިފައިވާ އެއްބަސްވުމާ ގުޅިގެން ކަމަށާއި، ހެކިންނާ ގުޅޭ އެއްބަސްވުމުގެ ސައްހަ ކަން ބަލާނީ އެ އެއްބަސްވުމެއް ހެދުމުގެ މައްސަލައެއްގައި ކަމަށެވެ. އެއީ މި މައްސަލައިގައި، މި ޝަރީއަތުގެ މަޖިލީހުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އެކަމަށް މިޝަރީއަތުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ނުދެކޭ ކަމަށް ގާޒީ ވިދާޅުވިއެވެ. ހެކީގެ އަދުލުވެރިކަމާމެދު ސުވާލު އުފައްދަވައި ދިފާއީ ވަކީލުން ދެއްކެވި ވާހަކައާ ގުޅިގެން ގާޒީ ވިދާޅުވީ، ހެކި ބަސް ނެގުމަށްފަހު އެކަމަށް އޮންނަ މަރުހަލާގައި އަދުރުވެރިތޯ އަދުލުވެރި ނޫންތޯ ކަނޑައަޅުއްވާނެ ކަމަށެވެ. ހެކިންގެ ހެކިބަސް ނުނެގޭނެ ފަދަ ސަބަބެއް އޮތްކަމަށް ނުދެކޭތީ ހެކިބަސް ނެގުން ކުރިއަށްގެންދާނެ ކަމަށެވެ.

ޔާމީނަށް 1 މިލިއަން ޑޮލަރު ދިން ކަމަށް ޔޫސުފް ނައީމް ބުނި

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ޒިޔަތާ ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ، މިމައްސަލައިގައި ހިމެނޭ ޔޫސުފް ނައީމް އިނގެނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގެ އެގްރިމެންޓްގެ ކަންތަކުގެތެރެއިން ކަމަށެވެ.

އެގޮތުން 2015 ވަނަ އަހަރުގެ އޮގަސްޓް ފަހުކޮޅު ނުވަތަ ސެޕްޓެމްބަރު ކުރީކޮޅު، އާރަށުގެ ކަންތަކުގައި ޔޫސުފް ނައިމް ކިޔާ މީހަކު ކޮންޓެކްޓް ކުރާނެ ކަމަށް އަދީބު ވިދާޅުވި ކަމަށް ޒިޔަތު ހެކިބަސް ދީފައިވެއެވެ. އަދި އެއީ ރައިސް ޔާމީން އަންގަވައިގެން ކުރައްވާ ކަމެއްކަމަށާއި، ރަށުގެ އަގަކީ 5 މިލިއަން ޑޮލަރުކަމަށް އޭރު ވިދާޅުވިއެވެ. އެހެންނަމަވެސް ފަހުން ޔާމިން ވިދާޅުވެގެން ކަމަށްބުނެ އަދީބު ވިދާޅުވީ އަގު ދަށް ކުރި ކަމަށް ކަމަށާއި، އެއްބަސްވުމުގައި ސޮއި ކުރެވުނުއިރު އެ އަގު 2 މިލިއަން ޑޮލަރަށް ދަށްކުރި ކަމަށް ޒިޔަތު ހެކިބަސް ދެމުން ބުނެފައިވެއެވެ. އަދި އެ އަގަކީ ރަށުގެ އިކުއިޒިޝަން ކޮސްޓަށްވާ ފައިސާ ކަމަށްވެސް ވިދާޅުވިއެވެ.

އަގު ދަށްކުރީ ރައީސް ޔާމީން ވިދާޅުވެގެން ކަމަށްވެސް އަދީބު ވިދާޅުވީ ކަމަށް ޒިޔަތު ހެކިބަސް ދެމުން ބުނެފައިވެއެވެ. އާރަށުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އޭނާގެ އޮފީހުގައި ވާހަކަ ދައްކަަމުން، ރައީސް ޔާމީނަށް 1 މިލިއަން ޑޮލަރު ދެއްވި ކަމަށް ޔޫސުފް ނައީމް ބުނެފައިވާ ކަމަށްވެސް ޒިޔަތު ހެކިބަސް ދެއްވިއެވެ.

"އެގްރިމެންޓްގައި ސޮއި ކުރުމުގެ މަޖިލިސް ނިންމާފަ، އަޅުގަނޑު އޮފީހަށް މިނިސްޓަރު އަދީބާ ޔޫސުފް ނައީމް ވަދެވަޑައިގެން، ޔޫސުފް ނައީމް ދެންނެވި އަދީބު ކައިރީގަ އެގްރިމެންޓް ކަންތައް ނިންމާލެވުނީމަ ރައިސް ޔާމީން ވަރަށް ހިތްހަމަޖެހޭނެ ކަމަށް. އެއީ 1 މިލިއަން ޑޮލަރު ރައީސް ޔާމީނަށް ދީފަވާނެ ކަމަށް." ޒިޔަތު ހެކިބަސް ދެމުން ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލަށްފަހު ރައީސް ޔާމީންގެ ވަކީލު ޒިޔަތާ ސުވާލު ކުރައްވަމުން ވަނީ ރަށުގެ އަގު ކަނޑައަޅާ ފޯމިއުލާއާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ. އަދި ރަށުގެ އަގު ދަށްކުރި ކުރުމާ ގުޅޭގޮތުން ސުވާލު ކޮށްފައިވެއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޒިޔަތު ބުނެފައިވަނީ، ރަށުގެ އަގު ދަށްކުރީ ރައިސް ޔާމީން ދަންނަވައިގެން ކަމަށް އަދީބު އޭނާގެ ގާތުގައި ބުނެފައިވަނީ އަނގަބަހުން ކަމަށެވެ. މީގެއިތުރުން ޔާމީންގެ ވަކީލް ވަނީ ޒިޔަތާ ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ. އެކަމާ ގުޅިގެން ޒިޔަތު ހެކިބަސްދެމުން ބުނީ، ހެކިބަސް ދިނުމަށް ދައުލަތާއެކު އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. ޔާމީންގެ ވަކީލު، ދައުލަތާ ޒިޔަތާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ސުވާލު ތަކުރާރު ކުރަން ފެށުމުން ދައުލަތުން އިއުތިރާޒު ނަގާފައިވެއެވެ. އެގޮތުން އެއްބަސްވުމާ ގުޅޭގޮތުން ޒިޔަތުއާ ދައުލަތުން ސުވާލު ކޮށްފައިނުވާތީ އަދި އެކަމަކީ ޒިޔަތު ހާޒިރު ކުރެވުނު ސަބަބަށް ނުވާތީ އެއްބަސްވުމާ ގުޅޭ ސުވާލު ކުރެވޭނެ ކަމަށް ނުދެކޭކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި އެ އިއުތިރާޒު ޝަރީއަތުން ބަލައިގަތުމުން އެއްބަސްވުމާ ގުޅޭ އިތުރު ސުވާލެއް ޔާމީންގެ ވަކީލު ކޮށްފައިނުވެއެވެ.

ޔޫސުފް ނައީމްގެ ވަކީލަށް ޒިޔަތުއާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި، ޝަރިއަތާ ސުވާލު ކުރެއްވީ ޒިޔަތާ ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު އޮތްތޯއެވެ. އެކަމާ މެދު ގޮތެއް ނިންމާފައި ވާނެކަމަށް ގާޒީ ވިދާޅުވުމުން ޔޫސުފް ނައީމްގެ ވަކީލު ވަނީ ޒިޔަތާ ސުވާލު ކުރަން ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަކަށް ނުފެނޭ، އެ އިއުތިރާފު އެއްބަސްވުން ދެފަރާތުގެ ދެމެދުގައި ވެފައިއޮވެ، އިއުތިރާފު އެއްބަސްވުން ވަންހަނާވެގެންވާ ސަބަބުތަކަށްޓަކައި އެއްކޮށް ބާތިލުކުރެވި، މިހެކިވެރިޔާ މިއަދު އައިސް މި މަޖިލީހަށްދޭ ހެކިބަހަކީ މިނިވަންކަމާއެކު އަދުލުވެރިކަމާއެކު ދެވޭނެ ހެކިބަހެއްކަމަށް، އަޅުގަނޑުމެން އެއްވެސް އުސޫލަކުން ނުދެކެން. އެހެންވީމާ އަޅުގަނޑުމެން ބޭނުމެއް ނޫން ސުވާލެއް ކުރާކަށް." ޔޫސުފް ނައީމްގެ ވަކީލް ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގައި ދެންއޮތީ ކުރީގެ ނައިބު ރައިސް އަހުމަދު އަދީބުގެ ހެކިބަސް ނެގުމެވެ.