Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ޑޮލަރު ގަތް ކަމަށް ޔާމީން ބުނި، އެ ފައިސާ އުފުލިން: ނަރީޝް

އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ ޔޫސުފް ނައީމްގެ އަތުން ޑޮލަރު ގަނެފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ބުނެފައިވާކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހެކިބަސް ދީފިއެވެ.

ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.

މި މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ދިފާއުގައި ހުށަހެޅި ހެއްކެއްގެ ހެކިބަސް ނެގުމެވެ. އެގޮތުން ހެކިބަސް ދީފައިވަނީ އަހުމަދު ނަރީޝްއެވެ. ހެކިބަސް ދެމުން ނަރީޝް ވިދާޅުވީ ޔާމީނަކީ އޭނާއާ ޕާސަނަލީ ވަރަށް ގާތް ބޭފުޅެއް ކަމަށާއި، ޔާމީން ދަންނަނީ 2013 އިން ފެށިގެން ކަމަށެވެ.

ހެކިބަސް ދެމުން ނަރީޝް ބުނެފައިވަނީ، ޔޫސުފް ނައީމް އަތުން ޑޮލަރު ގަނެފައިވާކަމަށް ޔާމީން ބުނެފައިވާ ކަމަށާއި، އަދި އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ހަތަރު ލައްކަ ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި ކަމަށެވެ. އެގޮތުން ޔާމީންގެ އެދުމަށް އެ މިލިއަން ޑޮލަރަށްވާ ފައިސާ ޔާމީންގެ ގެއިން ގެންގޮސް ޔޫސުފް ނައީމާ ހަވާލުކުރީ އޭނާއާއި އަބްދުﷲ ރަޝީދު ކިޔާ މީހެއް ކަަމަށާއި އެ ފައިސާ ހުރީ ދެ ދަބަހެއްގައި ކަމަށް ނަރީޝް ހެކިބަސް ދެއްވިއެވެ. އަދި އެއް މިލިއަން ޑޮލަރަށްވީ ފައިސާ ގުނީ ޔާމީންގެ ހާޒިރުގައި އެ ގޭގައި ކަމަށާއި، އެ ފައިސާ ހުރީ ޔާމީންގެ ގެކޮޅު ދޫވެހީގެ ސިޓިން ރޫމްގައި ކަމަށްވެސް ނަރީޝް ހެކިބަސް ދީފައިވެއެވެ. އެ ފައިސާ ގުނީ އަތުން ކަމަށާއި، އެ ފައިސާ ގުނުމަށް ހޭދަވި ވަގުތު ހަނދާންނެތް ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ޔާމީން ޑޮލަރު ބައްލަވައިގެން ކަމުގެ ލިޔުމެއް އޮތް ކަމަށާއި، އެ ލިޔުމުގައި ސޮއި ކުރީ އޭނާގެ ކުރިމަތީގައި ކަމަށެވެ. އަދި ޔޫސުފް ނައީމަށް ފައިސާ ހަވާލު ކުރުމުން އޭނާ ފައިސާ ގުނި ކަމަށާއި، އަދި ޔޫސުފް ނައީމްވެސް ލިޔުމުގައި ސޮއި ކުރި ކަމަށެވެ. އެ ލިޔުމުގައި އޮތީ 1 މިލިއަން ޑޮލަރު ބައްލަވައިގަތް ވާހަކަ ކަމަށް ނަރީޝް ހެކިބަސް ދީފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެމުން ނަރީޝް ވިދާޅުވީ ޔޫސުފް ނައީމްގެ އިތުރުންވެސް ޔާމީން އެދިގެން އިތުރު މީހުންނަށް ފައިސާ ގެންގޮސްދިފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެ މީހުންގެ ނަން ހާމަކޮށްފައެއްނުވެއެވެ.

ނަރީޝްގެ ހެކިބަސް މިއަދު ނަގައި ނިމުމުން، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، މިއަދު ހެކިބަސް ނެގުމަށް ހޭދަވި ވަގުތަށް ބަލާ، ދިފާއީ 3 ހެކިން ކޮންމެ ދުވަހަކު ހާޒިރުކުރާނެ ކަމަށެވެ. އެގޮތުން މިމައްސަލައިގައި މާދަމާ ވެސް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި ސެޕްޓެމްބަރު 25 އަދި 29 ވަނަ ދުވަހުވެސް އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.