Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ޔާމީންގެ ބަލިހާލަތު ހުރިގޮތުން ޝަރީއަތް ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެވޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އެ މައްސަލައިގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ 10:00 އަށެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން މިއަދުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށް އެދި ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި މިހާރު ކުރިއަށްދަނީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން އިއްޔެވަނީ މާލެސިޓީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހެކިބަސް ނަގާފައެވެ. މިއަދު ތާވަލު ކޮށްފައިއޮތީ އިތުރު 3 ހެއްކެއްގެ ހެކިބަސް ނެގުމަށެވެ.

ދައުލަތުން މިމައްސަލައިގައި ހުށަހަޅާފައިވާ ހުރިހާ ހެއްކެއްގެ ހެކިބަސް މިހާރު ވަނީ ނަގާ ނިމިފައެވެ.

އާރަށު މައްސަލައިގެ ތަފްސީލު:

މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.