Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

1 މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދަން ޔާމީން ގުޅި: މުހައްމަދު އިސްމާއިލް

ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް - ފޮޓޯ: މިހާރު

ބޭންކް ރޭޓުން 1 މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދުމަށްއެދި ކުރީގެ ރައިސް އަބްދުﷲ ޔާމީން ގުޅުއްވި ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހެކިބަސްދީފިއެވެ.

ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.

މި މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން މުހައްމަދު އިސްމާއިލްއަކީ މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނެގި ދެވަނަ ހެކިވެރިޔާއެވެ.

ހެކިބަސް ދެމުން މުހައްމަދު އިސްމާއިލް ބުނެފައިވަނީ، ޔާމީން ދަންނަނީ ޑީއާރްޕީ ޒަމާނުން ފެށިގެން ކަމަށާއި ޔާމީނަކީ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ. އެގޮތުން އެއްދުވަހު ޔާމީން ގުޅުމަށްފަހު ބޭންކް ރޭޓްގައި 1 މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދުމަށް އެދުނު ކަމަށް މުހައްމަދު އިސްމާއިލް ހެކިބަސް ދީފައިވެއެވެ. ޔާމީން އެގޮތަށް އެދުމުން އެކި މީހުންނަށް ގުޅި ކަމަށާއި، އެގޮތުން ޔޫސުފް ނައީމަށްވެސް ގުޅި ކަމަށެވެ. އެގޮތުން މީހުންނަށް ގުޅަމުން ދިޔައިރު، ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު އަރިހުގައި ހުންނެވި ކަމަށްވެސް ހެކިބަސްދީފައިވެއެވެ.

މުހައްމަދު އިސްމާއިލް ބުނެފައިވަނީ، އޭގެ ދެ ދުވަހެއްފަހުން ޔޫސުފް ނައީމް ގުޅުމަށްފަހު، ރައީސް ޔާމީނަށްނަމަ ބޭންކް ރޭޓްގައި ޑޮލަރު ވިއްކާނެ ކަމަށް ބުނި ކަމަށެވެ. އަދި އެ މުއާމަލާތް ނިމުނުފަހުން، ނަގުދުކޮށް އެ ފައިސާ ލިބުނު ކަމަށް ޔޫސުފް ނައީމް ބުނި ކަމަށްވެސް މުހައްމަދު އިސްމާއިލް ހެކިބަސް ދީފައިވެއެވެ.

ވ. އާރަށުގެ މައްސަލައިގެ ޝަރިއަތުގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން މިއަދުގެ ޝަރީއަތުގައި ތިން ހެއްކެއްގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވެއެވެ.

އާރަށު މައްސަލައިގެ ތަފްސީލު:

މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.