ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމަށް ވަޑައިގެންނެވީ ބޮޑު ކޯލިޝަނާއެކުއެވެ. ކޯލިޝަނަށް ނިސްބަތްވާ ޕާޓީތަކަށް ކެބިނެޓްގެ ގޮނޑިތައް ބަހާލައްވާ، ވެރިކަން ކުރައްވާތާ ދެއަހަރާ ބައިވީއެވެ. ރައްޔިތުން އެދޭފަދަ ވެރިކަމެށް ކުރެވޭކަމުގެ އުންމީދުގައި ތިއްބެވި ނަމަވެސް، މިޑްޓާމް އިލެކްޝަންގައި މާލެއިން އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ.
ނަތީޖާއެއްގެ ގޮތުން ސަރުކާރަށް އިސްލާހީ ބަދަލުތަކެއް ގެންނެވުމަށް ނިންމަވާ އެކަން ރައީސް ސޯލިހް ކޯލިޝަން ޕާޓްނަރުންނަށް އެންގެވިއެވެ. ކޯލިޝިނަލް ލީޑަރުންގެ ބައްދަލުވުންތައް ނުބޭއްވި ގިނަ ދުވަސްތަކެއްވެފައިވާއިރު، މިހާތަނަށްވެސް ކޯލިޝަންގެ ގުޅުން ވަރަށް ރަނގަޅުކަމަށް ސިޔާސީ ވެރިން އައީ ވިދާޅުވަމުންނެވެ. އެހެންނަމަވެސް ވަޒީރުންގެ މަޖިލީހަށް ގެންނަ ބަދަލުން ކޯލިޝަނަށް ބޮޑު ލޮޅުމެއް އައުމަކީ އެކަށީގެންވާ ކަމެވެ.
ގެންނަން އުޅުއްވާ ބަދަލުތަކާމެދު ވަރަށް ގިނަ އަޑުތަކެއް އެބައިވެއެވެ. އެގޮތުން ކެބިނެޓަށް ގެންނަން ނިންމާފައިވާ އިސްލާހު ތަކުން އެމްޑީޕީ ވަޒީރުންނަށްވެސް ސަލާމަތެއް ނެތެވެ. ބައެއް އެމްޑީޕީ ވަޒީރުންވެސް ވަކި ކުރާ އަޑުތައް އެބައިވެއެވެ. އަދި އަމުދުން ކޯލިޝަންގެ ވަޒީރުންގެ ތެރެއިިން ވަކި ކުރަން ނިންމާފައިވާ ބައެއް ވަޒީރުން ވަކި ކުރުމަކީ ކޯލިޝަންގެ ވެރިން ހިތްޕުޅާނުވާ ބަދަލުތަކަކަށްވުން އެކަށީގެންވެއެވެ.
ބަދަލުތަކަށް ބަލާލާނަމެވެ. އެންމެ ބޮޑަށް ލަފާކުރެވެނީ އެމްއާރްއެމްގެ ސްލޮޓެއްގައި ހުންނެވި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަގާމުން ދުރުކޮށް އެމަގާމަށް މިހާރު އެންވާރަމެންޓް މިނިސްޓްރަކަށް ހުންނެވި ޖޭޕީގެ ޑރ. ހުސައިން ރަޝީދު ހަސަން އައްޔަނު ކުރައްވާނެ ކަމަށެވެ. އަދި އެންވައިރަމެންޓް މިނިސްޓަރަކަށް އައްޔަނު ކުރައްވާނެ ކަމަށް ވާހަކަ ދެކެވެނީ އެމްޑީޕީއަށް ނިސްބަތްވާ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަކަށް ހުންނެވި އައިމިނަތް ޝައުނާއެވެ. އެމްއާރްއެމްގެ ސްލޮޓެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޑރ. އިބްރާހިމް ހަސަންގެ މިނިސްޓްރީ ބަދަލުކުރައްވާ ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވާނެ ވާހަކަތަކެއްވެސް ދެކެވެއެވެ. ކޮމިއުނިކޭޝަން މިނިސްޓްރީ އަކީ ޖޭޕީގެ ސްލޮޓެކެވެ.
ޖޭޕީގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރު ކަމުގައި ހުންނެވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން، އައިޝަތް ނަހުލާވެސް ވަޒީރުކަމުން ދުރުކުރުމަށް ނިންމާފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި އެ މަގާމަށް އައްޔަނު ކުރައްވާނެ ކަމަށް އެންމެ ލަފާކުރެވޭ ނަމެއްގެ ގޮތުން އިވެނީ ޖޭޕީއަށް ނިސްބަތްވާ ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި އަހުމަދު ސަމީރެވެ.
ކެބިނެޓަށް ގެންނަ ވަރުގަދަ ބަދަލުގައި ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަޒީރުކަމުން ދުރުކޮސް ހޯމް މިނިސްޓަރުގެ މަގާމަށް މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އައްޔަނު ކުރައްވަން ނިންމަވާފައިވާކަމަށް އިވޭ އަޑުވެސް ވަނީ ގަދަވެފައެވެ.
މިބަދަލުގެ ތެރެއިން ޔޫތް މިނިސްޓްރީގެ މެންޑޭޓުތައް ބަހާލާ ދެ މިނިސްޓްރީއެއް އުފައްދަވާ ވާހަކައެއްވެސް ދެކެވެއެވެ. އެގޮތުން ޔޫތް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް މިނިސްޓަރަކަށް އަހުމަދު މަހުލޫފް ހައްދަވާ ސްޕޯޓްސް މިނިސްޓަރުގެ މަގާމަށް އަހުމަދު ލަތީފް (ސީވީޑް ލަތީފް) އައްޔަނުކުރުމަށް ނިންމާފައިވާކަމަށްވެސް ވާހަކަ ދެކެވެއެވެ. އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މަގާމުން ދުރުކޮށް އެމަގާމަށް ރައީސް ނަޝިދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މަހްމޫދް ރާޒީ ހަމަޖައްސަވާނެކަމަށް ވެސް ދެކެވޭ ވާހަކަތައްވަނީ ގަދަވެފައެވެ. އަދި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްވެސް މަޤާމުން ދުރުކުރާކަހަލަ ވާހަކައެއް އަންނަނީ ދެކެވެމުންނެވެ.
މީގެއިތުރުން ބައެއް ކުންފުނިތަކުގެ އެމްޑީންވެސް ބަދަލުކުރައްވަން ނިންމަވާފައިވާ ވާހަކަ ދެކެވެއެވެ. އޭގެތެރޭގައި ސްޓެލްކޯވެސް ހިމެނޭކަމަށް އަޑުއެބައިވެއެވެ.
ރައީސް ސޯލިހް ކެބިނެޓަށް ގެންނަން ނިންމަވާފައިވާކަމަށް ވާހަކަ ދެކެވޭ ބަދަލުތަކަކީ މިއީ ބޮޑެތި ބަދަލުތަކެކެވެ. އުފެދޭ ސުވާލަކީ މިވަގުތަކީ މިއީ އެފަދަ ބަދަލެއްގެނައުމަށް ސިޔާސީ ގޮތުން އެންމެ ރަނގަޅު ވަގުތުތޯއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުން އެމްޑީޕީ ބޭނުންވި ނަތީޖާއެއް ނުލިބުނެއެވެ. އެކަމާއި ގުޅިގެން ޕާޓީގެ ތެރޭގައި ވަނީ ވަރުގަދަ ގަދަ ހިފުމަކަށް ގޮސްފައެވެ. ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއިދު ކުރާ ރައްޔުތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައިވެސް ވަނީ ހޫނުކަން ގަދަވެފައެވެ. ރާއްޖެ ބަރުލަމާނީއަކަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންކަމަށް މަޖްލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިވަނީ ހާމަ ކުރައްވާފައެވެ.
އަދި މަޖްލިސްގެ ތެރެއިން ނަޝީދުގެ ވަފާތެރި މެމްބަރުން ގެންދަވަނީ ރައީސް ސޯލިހުއަށާއި، ސަރުކާރުގެ ވަޒީރުންނަށް ބޮޑެތި ފާޑު ކިއުންތައް ކިޔަމުންނެވެ. ހާއްސަކޮށް ކޯލިޝަންގެ ވަޒީރުންގެ މައްސަލަތައް ދަނީ ފެންމަތި ކުރަމުންނެވެ.
މިފަދަ ނާޒުކު ވަގުތެއްގައި ރައީސް ސޯލިހުގެ ކެބިނެޓަށް ގެންނަވާ ބަދަލުވާނީ މުހިއްމު ހިކުމަތްތެރި ބަދަލަކަށެވެ. އަމިއްލަ ޕާޓީ އާއި ކޯލިޝަން ޕާޓްނަރުންގެ ހިތް ރުހޭ ފަދަ ބަދަލަކަށެވެ. ނޫންނަމަ އޭގެ ސަބަބުން ކޯލިޝަން ރޫޅި ސަރުކާރު އިސާހިތަކު ބަލިކަށިވެދާނެއެވެ.