Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު ޝަރުއީ ދާއިރާ

އާރަށު މައްސަލައިގެ އަޑުއެހުންތައް ފަށައިފި

ރައީސް އަބްދުالله ޔާމީން މީގެކުރިން ސުޕްރީމްކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި--

އެމްއެމްޕީއާރްސީ ޚިޔާނާތުގައި ހިމެނޭ ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ލިބިފައިވޭތޯ ސުވާލުކޮށްފައެވެ.

އެކަމާ ގުޅިގެން ޔާމިންގެ ވަކީލް ވިދާޅުވީ ލިޔުކިޔުންތައް ލިބިފައިވާ ކަމަށާއި، އެހެންނަމަވެސް އެ ލިޔެކިޔުންތައް ބެލުމުގެ ފުރުސަތު ލިބިފައިނުވާކަމަށެވެ.

މިމައްސަލައިގައި ދައުވާ ލިބޭ ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމް ވަކީލަކު ހަމަޖައްސަން ބޭނުންވާކަމަށް ބުނުމުން ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައިވެއެވެ.

އިސްގާޒީ ޝަކީލް ވިދާޅުވީ މިމައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ ހަފްތާގައި ބާއްވާނެ ކަމަށާއި، އަދި މިމަހު 27 ވަނަ ދުވަހު އޮންނަ އަޑުއެހުމުގައި ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދާނެކަމަށެވެ.

އާރަށު މައްސަލައިގެ ތަފްސީލު:

މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.