Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ބޮޑު ހިޔާނާތް- އާރަށު މައްސަލަ: ދައުލަތުގެ އިތުރު ހެއްކެއްގެ ހެކިބަސް ނަގައިފި

ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލިސް--

ރާއްޖޭގައި މިފަހުން ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަދި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އިތުރު ހެއްކެއްގެ ހެކިބަސް ނަގައިފިއެވެ.

އެގޮތުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ނަގާފައިވަނީ މިމައްސަލައިގައި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާގެއެވެ.

އެގޮތުން ކްރިމިނަލް ކޯޓުގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ހެކިވެރިޔާ ބުނެފައިވަނީ، ބަލާފައިވާނީ މައްސަލައިގެ އައިއޯ ބުނެފައިވާ ފޯނު ނަމްބަރުތަކާ ދިމާވާ ކޮންވަޒޭޝަންތައް ހުރިތޯ ކަމަށެވެ. އެގޮތުން ވައިބާގެ ޕީސީ ޑާޓާ ލިބިފައިވާ ކަމަށާއި، މި ޑާޓާ މޮޑިފައިކޮށްފައިވާކަމަށް ނުވަތަ ބަދަލެއް ގެނެސްފައިވާ ކަމަށް ނުފެންނަ ކަމަށެވެ. މި ރިޕޯޓްގައި ވަކި ނަތީޖާއެއް ނެރުމަށް މަޖުބޫރުކަމެއްވެސް ނެތްކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. އަދި ތައްޔާރު ކޮށްފައިވާ ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓަކީ ސައްހަ ރިޕޯޓެއް ކަމަށް ވެސް ހެކިބަސް ދީފައިވެއެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނައީމްގެ ވަކީލު ހެކިވެރިޔާއާ ސުވާލު ކުރަމުން ވަނީ މިރޮނގުން ހެކިވެރިޔާއަށް ލިބިފައިވާ ތައުލީމާއި ގުޅޭގޮތުން ސުވާލު އުފައްދާފައެވެ. އަދި ކޮމްޕިއުޓާ ފޮރެންސިކް ތަހުލީލު ކުރުމުގައި ގެންގުޅުނު ސޮފްޓްވެޔާއާ ގުޅޭގޮތުންވެސް ސުވާލު އުފައްދާފައިވެއެވެ.

ހެކިވެރިއާއާ ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ ރިޕޯޓް ތައްޔާރުކޮށްފައިވާ ލެޕްޓޮޕްގެ ޗެއިން އޮފް ކަސްޓަޑީ އަދި ޑިޖިޓަލް ޗެއިން އޮފް ކަސްޓަޑީއާ ގުޅޭގޮތުން ހެކިވެރިއާ ސުވާލު ކޮށްފައެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މިމައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި އެދުވަހުވެސް ކުރިއަށްދާނީ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިއެއްގެ ހެކިބަސް ނެގުން ކަމަށް ވިދާޅުވިއެވެ.

އާރަށު މައްސަލައިގެ ތަފްސީލު:

މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.