Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

އާރަށުގެ އަގު ކުޑަކުރީ ޔާމީން އެދިގެން: އަދީބު

ފޮޓޯ: އޭއެފްޕީ

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށް ކުއްޔަށްދިނީ އަދި އަގު ކުޑަކުރީވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިގެން ކަމަށް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފިއެވެ.

ވ. އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލަ އެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.

މި މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ހެކިބަސް ނަގާފައިވަނީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި ކުރީގެ ނައިބު ރައިސް އަހުމަދު އަދީބުގެއެވެ.

އެގޮތުން ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާ ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ، މައްސަލައިގައި ދައުވާ ކޮށްފައިވާ ޔޫސުފް ނައީމް ދަންނަނީ ޑީއާރްޕީގެ މެމްބަރެއްގެ ގޮތުގައި ހުރިއިރުން ފެށިގެން ކަމަށާއި، އޭނާއަށް ޔޫސުފް ނައީމް ތައާރަފް ކޮށްދިނީ ކުރީގެ ރައިސް ޔާމީން ކަމަށެވެ.

ހެކިބަސް ދެމުން އަދީބު ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރިއިރުވެސް ޔޫސުފް ނައީމް މެސެޖް ކޮށް ހައްދަވާ ކަމަށާއި، 2015 ވަނަ އަހަރު، ޔޫސުފް ނައީމް އާރަށަށް އިންވެސްޓް ކުރަން ބޭނުންވާ އިންވެސްޓަރުން ތިބިކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެބޭފުޅުންނަށް ކުއްޔަށް ދެވިއްޖެ ނަމަ ރަނގަޅު ގޮތްތަކެއް ވާނެ ކަމަށް ބުނި ކަމަށް އަދީބު ހެކިބަސް ދެއްވިއެވެ. އަދީބު ވިދާޅުވީ އޭރު އެ ރަށް އޮތީ އެހެން މިނިސްޓްރީއެއްގެ ދަށުގައި ކަމުން، ރަށް ޓޫރިޒަމްގެ ދަށަށް ބަދަލުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ޔޫސުފް ނައީމް ކައިރީގައި ބުނިކަމަށެވެ. އޭގެފަހުން ޔާމީން ގުޅުއްވި ކަމަށާއި އަދި އާރަށުގެ ކަންތަކުގައި ޔޫސުފް ނައީމް އައިކަމަށް ވިދާޅުވި ކަމަށާއި، އަދި އާރަށުގެ ކަންތައް ނިންމަވަންޖެހޭކަމަށް ޔާމީން ވިދާޅުވިކަމަށް އަދީބު ހެކިބަސް ދީފައިވެއެވެ. އަދި ޔާމީން އެކަން އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމުން އެކަން އެގޮތަށް ނިންމެވި ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ އާރަށުގެ އަގުގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައެޅީ 5 މިލިއަން ޑޮލަރު ކަމަށާއި، އެހެންނަމަވެސް ޔާމީން އަންގަވައިގެން އެ އަގު 3 މިލިއަން ޑޮލަރަށް ކުޑަ ކުރެއްވި ކަމަށެވެ. އަދި އޭގެފަހުން އާރަށުގެ އެއްބަސްވުމުގައި ސޮއިކުރަން ދެ ދުވަހަށް ވެފައި ވަނިކޮށް ރައީސް ޔާމިން އެދިގެން އެ އަގު 2 މިލިއަނަށް ކުޑަކުރި ކަމަށް އަދީބު ހެކިބަސް ދެއްވިއެވެ.

މީގެއިތުރުން އާރަށު އެއްބަސްވުމުގައި ސޮއިކޮށް ނިމިގެން އަދީބާއި ޔޫސުފް ނައީމް އަދި ޒިޔަތު ވާހަކަ ދައްކަން ތިއްބަވަނިކޮށް، ޔާމީނަށް ކަންތައްތަކެއް ކޮށްދެއްވި ކަމަށް ޔޫސުފް ނައީމް ވިދާޅުވި ކަމަށާއި، އެގޮތުން އެއް މިލިއަން ޑޮލަރު ޔާމީނަށް ދެއްވި ކަމަށް ޔޫސުފް ނައީމް ބުނިކަމަށް އަދީބު ހެކިބަސް ދީފައިވެއެވެ.

އަދީބާއި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ޔޫސުފް ނައީމް ވަކީލް ވަނީ އަދީބަކީ އަދުލުވެރި ހެއްކަކަށްނުވާތީ ކުރާނެ ސުވާލެއް ނެތް ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީންގެ ވަކީލުންނަށް އަދީބާއި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ވަނީ ރަށުގެ އަގު ކަނޑައަޅާ އުސޫލާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

މިއަދުގެ އަޑުއެހުމުގައި އަދީބުގެ ހެކިބަސް ނަގާ ނިމުމުން، ދައުލަތުން ވަނީ ދައުލަތުގެ ހެއްކެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ހެކިބަސް އިތުރަށް ނަގަން ބޭނުން ނުވާކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން ދައުލަތުން ބުނެފައިވަނީ އައްލާމުގެ ސިޓީއެއް ދައުލަތަށް ލިބިފައިވާ ކަމަށާއި، އައްލާމް ހެކިބަސް ދޭން ޖެހިލުންވަނީ އޭނާ މިހާރު ދިރިއުޅޭ ގައުމުގެ ކަމާބެހޭ އިދާރާތަކަށް ބަޔަކު މައްސަލަ ހުށަހަޅައިގެން އޭނާއަށް އެކި އުނދަގޫތައް ކުރަން މަސައްކަތް ކުރާތީ ކަމަށެވެ. އެހެންކަމުން އޭނާ ހެކިބަސް ދޭން އުޒުރުވެރިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އައްލާމް ދިރިއުޅެމުން އަންނަނީ އެސައިލަމް ވިސާގެ ދަށުން އިނގިރޭސިވިލާތުގައެވެ.

މީގެއިތުރުން ދައުލަތުން ވަނީ ދައުލަތުން ހުށަހެޅި ހެއްކެއްގެ ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީހެއް އޮތްކަން ޝަރީއަތުގައި މީގެކުރިން ދިފާއީ ވަކީލުން ފާހަގަކުރުމުން، އެކަމާ ބެހޭގޮތުން އާ ހެކިވެރިއަކު ހާޒިރުކުރަން އެދިފައެވެ. އެހެންނަމަވެސް އާ ހެއްކަކަށް ފުރުސަތު ނުދެއްވުމަށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވިއެވެ.

މީގެއިތުރުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މިމައްސަލައިގައި މާދަމާ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށާއި، އެ އަޑުއެހުމުގައި ދިފާއުން ހުށަހަޅުއްވާފައިވާ ހެއްކެއްގެ ހެކިބަސް ނަގާނެ ކަމަށެވެ. އަދި މާދަމާ އެ ހެކި ނެގުމަށް ހޭދަވާ ވަގުތަށް ބެލުމަށްފަހު، ދެން ދިފާއީ ހެކިބަސް ނެގުމުގައި ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅުއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.