Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ޔާމީންގެ ހެކިން ދޮގުހެކި ދިންކަން ސާބިތުކުރަން އާ ލިޔެކިޔުންތަކެއް

ރައީސް އަބްދުﷲ ޔާމީން-- ފޮޓޯ: ރައީސް އޮފީސް

އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ކޮށްފައިވާ ދައުވާގައި ޔާމީންގެ ދިފާއީ ހެކިން ދޮގު ހެކި ދީފައިވާކަން ސާބިތުކޮށްދިނުމަށް ދައުލަތުން އާ ލިޔެކިޔުންތަކެއް ހުށަހަޅައިފިއެވެ.

ވ. އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.

މިމައްސަލައިގައި ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިމިފައިވަނިކޮށް، މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުލަތުން އިތުރު ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަން ހާމަކުރައްވާފައެވެ. އެ ލިޔެކިޔުންތަކާ ގުޅޭގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ އެއީ ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ދީފައިވާ ހެކިބަހުގެ ތެދު ދޮގު ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކެއް ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގެ ތެރެއިން–

ދައުލަތުން އަލަށް ހުށަހެޅި ހެކިތަކާ ގުޅޭގޮތުން މާބޮޑު ތަފްސީލެއް ހާމަނުކުރިނަމަވެސް، ޝަރީއަތުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، އެ ހެކިތަކަކީ ދިފާއީ ހެކިންގެ ކްރެޑިބިލިޓީ އާ ގުޅޭ ހެކިތަކެއްކަމަށެވެ.

"މިއީ ތެދު ދޮގު ސާބިތުކުރުމަށްޓަކައި، އަދި ހެކިންގެ ކްރެޑިބިލިޓީ، އަދި ނަފީވާ ހެކިތައް ވެސް އެބަހުރި" ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އާ ހެކިތަކާ ގުޅިގެން ޔާމީންގެ ވަކީލުން އަދި ޔޫސުފް ނައީމްގެ ވަކީލުން ވަނީ އެ ހެކިތައް ބަލައިނުގަތުމަށް އެދި ވާހަކަ ދައްކާފައެވެ.

ދެފަރާތުގެ ވާހަކަތަކަށްފަހު މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މިމައްސަލައިގެ އިތުރު އަޑުއެހުމެއް ނޮވެމްބަރު 17 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ. އެދުވަހުގެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅި އާ ހެކިތަކާ ގުޅޭގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ.

އާރަށު މައްސަލައިގެ ތަފްސީލު:

މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.